Tuesday, May 25, 2010

ޝަހީމަކީ ޚާއިނެއް



ތިމަންނާ އަކީ މާ މެދުމިނުގެ ފިކުރެއް ގެންގުޅޭ މީހެއްކަމަށް ދައުވާކުރައްވާ އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޝޭޚް މުޙައްމަދު ޝަޙީމް ޢަލީ ސައީދް އަކީ ޚާއިނެކެވެ. ތިމާއަކީ ވައްހާބީ ފިކުރުގެ މީހުންގެ ތެރެއިން އެއްމެ ހަރުކަށިކަން ކުޑަ މީހާކަމަށް ހެދިގެން، ތުނބުޅި ކޮށާ، ބެގީ ޖަހައިގެން އުޅުނަސް އޭނާއަކީ ވެސް ހަމަ ސައުދީ ޢަރަބިއްޔާއިން ކިޔަވައިގެން ހުރި ކައްޓަރު ވައްހާބީ އެކެވެ. ޤައުމަށް ޚިޔާނާތްތެރި ޚާއިނެކެވެ.

މިއަދު އޭނާ މިވަނީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ނަގާލުމަށް އެދޭކަން އަންގާ އިޢްލާން ކޮށްފައެވެ. އަޅުގަނޑާ ދިމާއަށް ކާފަރޭކޭ، މުރުތައްދޭ، ދިވެއްސެއްނޫނޭ، އަބުރާބެހެނީއޭ ގޮވުމުގެ ކުރިން އަދި ކިޔުއްވާ ލައްވާށެވެ. އަޅުގަނޑު ޝަޙީމްގެ ދީނީ އަޤީދާއާ ހުރިހާކަމެއްގައި އެއްބަސް ނުވިނަމަވެސް އޭނާއަށްވެސް އަޅުގަނޑުފަދަ ދިވެއްސަކަށް، މުސްލިމަކަށް އަދި އިންސާނަކަށްވީތީ އިޚްތިރާމްކުރަމެވެ. އަޅުގަނޑު މި ކުރާ ދަޢުވާގެ ޙަޤީގަތް ހޯދުމަށް ކިޔުއްވަމުން ގެންދަވާށެވެ.

ހުސްވި 2009 ވަނަ އަހަރު "ﷲ ގެ ޝަރީޢަތުގެ ޙުކުމްތައް ޤާއިމްކުރަމާ!" މިނަމުގައި ޝަހީމް ލިޔެ ޗާޕުކޮށްފައިވާ (ފޮޓޯއިން ފެނިވަޑައިގަންނަވާ) ފޮތުގައި އޭނާ ލިޔެފައިވެއެވެ: "އިސްލާމްދީން ބިންމަތީގައި ދެމިއޮތުމަށްޓަކައާއި އެދީނުގެ ޙުކުމްތައް ޤާއިމުކޮށް ތައުޙީދު ޙިމާޔަތްކުރާނޭ ދައުލަތެއް އޮތުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. އެއީ އެންމެހައި މުސްލިމުންގެ ބޮޑު ވެރިކަމެވެ. "ޚިލާފަތެވެ." ނުވަތަ "އަލްއިމާމަތުލްޢުޡްމާ" އެވެ. އިސްލާމީ ފިޤްހުގައި މިވެރިކަމަށް ޚާއްޞަ ޙުކުމްތަކެއް ވެއެވެ.
ޝައްކެއް ނެތްގޮތުގައި އިސްލާމްދީނުގެ އަހުލިވެރިން ރަމްޒުކޮށްދޭ، ﷲ ގެ ޝަރީޢަތް ޤާއިމުކުރާނޭ ޚިލާފަތެއް މުޅި އުންމަތުގައި އޮތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ނަމަވެސް މިއަދު މުސްލިމުންވަނީ އެކަމަށް ނުކުޅެދިފައެވެ. ދީންވަނީ ދައުލަތްތަކުން ވަކިވެފައެވެ. ދާޙިލީ މައްސަލަތަކުގެ ތެރެއަށް ޤައުމުތައްވަނީ ވެއްޓި ޢަރަޤުވެފައެވެ. ސިޔާސީ މަސްރަޙުން ދީން އެކަހެރިކޮށްލުމަށް ލާދީނީ މީހުންނާއި ދީނަށް ލޯބިނުކުރާ ވެރީން ދަނީ ގަދަ އަޅައި މަސައްކަތްކުރަމުންނެވެ.
އިސްލާމުންނަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ އެބައިމީހުންގެ ދީން ހިމާޔަތްކޮށް ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގައިދިން، އަދި، މުސްލިމުންގެ ހައިބަތާއި ޤަދަރު އުފުލާދިން ޚިލާފަތު ވެއްޓިގެން ދިޔަކަމެވެ.
އަޅުގަނޑުމެން މުސްލިމުންގެ ބޮޑުވެރިކަން ޚިލާފަތު ވަނީ ފޭރިގެންފައެވެ. އެއީ އަޅުގަނޑުމެންގެ މަޖުދެވެ. އެއީ އަޅުގަނޑުމެންގެ ޢިއްޒަތެވެ. މިއީ ދެމީހަކު ދެބަސްވާނޭ ކަމެއްނޫނެވެ."އ

މީނާ މިތަނުގައި މިވަނީ ދިވެހި ޤައުމުގެ އިސްތިޤްލާލާއި، މިނިވަންކަމާ އަމިއްލަވެރިކަމަކީ ބޮޑުބަދުނަސީބެއް،އަދި ބަލާ އާފާތެއްކަމަށް ހީވާ ފަދަ ގޮތަކަށް ވާހަކަދައްކާފައެވެ. ދިވެހިރާއްޖެ އަކީ އެއްވެސް އިރެއްގައި ތިޔަބުނާ ޚިލާފަތެއްގެ ބާރުގައި އަދި ތިޔަ ޚިލާފަތެއްގެ މަދަދުގައިވެސް އޮތް ތަނެއް ނޫނެވެ. ފަޚުރުވެރިކަމާއެކު ބުނެލެވެން އޮތީ މީގެ ދެހާސް އެތައް އަހަރެއްކުރިން ފެށިގެންވެސް މި ރަށްތަކުގައި މަދު ދުވަސްކޮޅަކަށްނޫނީ ކުރެވެމުންދަނީ ދިވެހިދަރީންގެ ދިވެހި ވެރި ކަމެކެވެ. ޢަރަބި ކަރާގައި ޚިލާފަތޭ އިސްލާމީ ވެރިކަމޭ ކިޔާ އެއްބަޔަކު އަނެއްބަޔަކު ކަރުމަރުހިފާ އުޅުން އިރުވެސް އަހަރެމެން ތިބީ މި ދިވެހި ދިދައިގެ ހިޔާވަހިކަމުގައި މިނިވަން ކަމުގެ ފޮނި މީރުކަން ލިބި ލިބިއެވެ. މިއީ ޝަހީމުއަށް ހިތާމައަކަށް ވިއަސް އަހަރެމެން ދިވެހިންނަށް ލިބޭ ފަޚްރެކެވެ.

ޝަހީމު ގެ ވާހަކަ ކުރިއަށް ގެންދަމުން މި ފޮތުގައި ލިޔެފައިވެއެވެ: "ނަތީޖާއަކީ، އިސްތިޢުމާރުގެ ނުބައި ވަކިތައް އުއްމަތައް ފެތުރިގެން ދިއުމެވެ. މުސްލިމުންގެ ބިންތައް ފޭރުމެވެ. ޚަޒާނާތައް ލޫޓުވުމެވެ. މުސްލިމުން ބައިބައިވުމެވެ. ޖޯގްރަފީ ގޮތުން މުސްލިމް އުއްމަތް ބައިބައިވެ ކޮންމެ ބަޔަކުވެސް ވަކި ދިދައެއް ނަގައި ބޯޑަރުލާން ފެށުމެވެ. ކުދި ކުދި ދައުލަތް ތަކަށް އިސްލާމުން ވިއްސިވިހާލިވެގެން ދިއުމެވެ.
މިއަދު މިވަނީ މުސްލިމުންގެ ބޮޑު ވެރިންކަން އަނބުރާ ގެނައުމަށްޓަކައި ބޮޑެތި ޤުރްބާނީތައް ވާންޖެހިފައެވެ. އެންމެހައި މުސްލިމުން ކިޔަމަންވާންޖެހޭ މުސްލިމުންގެ ބޮޑު ވެރިކަން ކުދި ކުދި ޤައުމުތަކުގައި ޤާއިމުކުރުމަކީ ފަހަރުގައި ދަތިކަމަކަށް ވެދާނެއެވެ. ނަމަވެސް ބޮޑުވެރިކަން ޤާއިމުކުރުމަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުން އިސްލާމީ ސަރުކާރުތަކެއް ޤާއިމު ކުރުމަކީ އިސްލާމީ ރައްޔިތުންގެ އަތްމަތީގައި އޮތްބާރެކެވެ. އެބައިމީހުން މިގޮތް ބޭނުން ނަމަ، މާތްﷲ އެބައިމީހުންނަށް ކާމިޔާބު ދެއްވާނޭ ކަމީ ހަމަ ޔަޤީންކަމެކެވެ". މ


މިހާހިސާބަށް އައި އިރު ޝަހީމް މިވަނީ މި ދިވެހި ފަސްގަނޑުގައި އެބުނާ "ބޮޑުވެރިކަން" ޤާއިމުކޮށް އެހެން ބައެއްގެ ބާރުގެ ދަށަށް ދިވެހި ރާއްޖެ ގެންދަން އެދޭ ވާހަކަ ދިމާލަށް ބުނެފައެވެ. އެކަމަށް މަގުފަހި ކުރާ ސަރުކާރޭ އެބުނަނީ "އިސްލާމިކް އެމިރޭޓް" ނުވަތަ އިލްމާމީ ޢިމާރާތެއްގެ ނަމުގައި ޤާޢިމް ކުރާ ޒާތުގެ ވެރިކަމެއްގެ ވާހަކައެވެ. އެންމެފަހުން މިފަދަ ޢިމާރާތެއް ޤާއިމްކޮށްފައިވަނީ އަފްޢާނިސްތާނުގައި ޠާލިބާން ހަނގުރާމަވެރިންނެވެ.

ޝަހީމު މިފޮތުގައި ލިޔެފައިމިވާ ވާހަކަތަކަކީ ޤާނޫން އަސާސީގެ ފުރަތަމަ ބާބު (ދައުލަތާއި، އަމިއްލަ ވެރިކަމާއި ރައްޔިތުން) ގައި ބަޔާންކޮށްފައިވާ އެއްމެހާ ކަންތައްތަކާ ޚިލާފަށް ދިވެހި އެތައް ބަޠަލުންނަކާއި ޝަހީދުންނެއްގެ ހިއްމަތުން ދިފާޢުކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އިސްތިޤްލާލާއި މިނިވަންކަން ނަގާލާ، ދިވެހިން މީގެ އެތައްހާސް އަހަރެއް ކުރިން ފެށިގެން ކުރަމުން އައިސްފައިވާ އަމިއްލަވެރިކަން ނަގާލާ، ބޭރުގެ ދަޢުލަތެއްގެ ބާރުގެ ދަށަށް ރާއްޖެ ގެންގޮސް، ދިވެހިންބިން ޢަރަބި ކަރައިގެ ހައްދުފަހަނަ އަޅާފައިވާ ބައެއްގެ މުށުތެރެއަށް ގެންދިއުމަށް ގޮވާލާ ހިތްވަރު ދިނުމެވެ.

މިއީ ޝަހީމު އާއި އަދާލަތު ޕާޓީ އަދި ވައްހާބީންގެ އެކި ބައިބަޔަށް އުޅެމުންދާ ގިނަބަޔަކު އެދޭގޮތެވެ. އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވަނީ މިކަން ކުރާނެ ގޮތަކާމެދުއެވެ. އަދާލަތުން ދެކެނީ މިއީ ސިޔާސީ މައިދާނުން ކުރިހޯދާ، އެމީހުންގެ ބާރުގެ ދަށަށް ޤައުމު ދިއުމުން "އިސްލާމީ އިމާރަތެއް" މިތަނުގައި ޤާއިމްކޮށް، ޑިމޮކްރެސީ ފުނޑު ފުނޑު ކޮށްލާ، ޝަހީމު ނުވަތަ އެޕާޓީގެ ވެރިޔަކު ޤައުމުގެ އަމީރަކަށް ހެދުމަށެވެ. ދެން މިފަދަ އެތައް އިމާރާތެއް އިސްލާމީ ޤައުމުތަކުގައި ޤާއިމް ވުމުން ކޮންމެވެސް އެކަކަށް ހުރިހާ އަމީރުން ބައިއަތު ހިފާ "އިސްލާމީ" ޚިލާފަތް ޤާއިމް ކުރާނީ އެވެ. ސަލަފާއި އިސްލާމިކް ފައުންޑޭޝަނުން އެކުރަނީ މީހުންގެ ސިކުނޑިތައް ދޮވެ ބަދަލު ކުރުމުގެ މަސައްކަތެވެ. އެމީހުން ހަނގުރާމައަށް ނުދިޔައަސް ހަނގުރާމަވެރި ބައެއް ޖަމާޢަތްތަކަށް ތާއީދު ކުރެއެވެ. ދެން ތިބީ ހިމެންދޫގައި ހައިޖާނު ހެދި ޑޮޓުކޮމް ހަނގުރާމަވެރި ގުރޫޕެވެ. އެމީހުން ދެކެނީ އިސްލާމީ ޚިލާފަތު ގެނެވޭނީ އަސްކަރީ ބާރާއި، ހަނގުރާމަވެރިކަމުންނެވެ. ދެން އުޅެނީ ދާދި ފަހުން ނަސޭހަތް ދިނުން މަނާކުރި ޝޭޚް ނަސްރުﷲ އުޅޭ ސުޕާރސަލަފް (އެސްއެސް) ގްރޫޕެވެ. މިމީހުންނަކީ ހަނގުރާމައާ ދެކޮޅު، ސަޢޫދީ ޢަރަބިއްޔާގެ ދަށުގައި ޚިލާފަތު ޤާއިމްކުރަން އެދިގެން ތިބި މީހުންނެވެ. މިމީހުން ނޫނަސް ވައްހާބީންގެ ގިނަބަޔަކު ޤަބޫލު ކުރާގޮތުގައި މުޅި އިސްލާމީ ދުނިޔޭގެ ވެރިކަން ކުރާ ޚަލީފާއެއް ގެ ގައިގާ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޤުރައިޝް ވަންހައަށް ނިސްބަތްވާ އަރަތްބަކަށް ވުން ހިމެނެއެވެ. އެއްބަޔަކު މިސަބަބާ ހުރެ އުސާމާ ބިން ލާދިން އަށް ވެރިކަން ދޭން ނުރުހެއެވެ. އަނެއްބަޔަކަށް ކަމުދަނީ ޕާކިސްތާނުގެ ކޮންމެސް މީހެކެވެ. ސުބްޙާނަﷲ އެވެ. މާތްރަސްކަލާނގެ މި ނުބައި މީހުންގެ ކިބައިން މި ދިވެހި ރާއްޖެ ސަލާމަތް ކުރައްވާށިއެވެ. މި މީީހުން އެދޭ ގޮތަށް ކަންކަން ގޮސްފިނަމަ މިޤައުމުގައި ވެރިކަން ކުރާނީ ކޮން ކަރައެއްގެ ބަދަވީއެއް، ކޮންފަދަ ހުދުމުޚްތާރުކަމަކާއެކީގައި ކަމެއްވެސް ނޭނގެއެވެ. ދީނުގެ ނަމުގައި ސިޔާސީ ބާރާ، ފައިސާ ހޯދާ އަދި އެވަރުން ނުވެގެން އަމިއްލަ ޤައުމާއި ބިން ބޭރުގެ ބަޔަކަށް ވިއްކާލަން ރާވައިފި މީހަކު އެވަނީ އިސްލާމްދީނަށް އަދި ދިވެހި ޤައުމަށްވެސް ޚިޔާނާތްތެރިވެފައެވެ.

އަދިވެސް ޝަޙީމް މިފޮތުގައި ލިޔެފައިވާ ގޮތުން ޚިލާފަތު ޤާއިމްކުރުމުގެ މަޤްޞަދު ޚާޞިލްކުރުމަށްޓަކައި ޕާޓީހެދުމާޢި ޑިމޮކްރެސީވެސް ހުއްދަވާނެއެވެ. އެނޫނިއްޔާ ހަރާމް އެވެ. އަދި ޑިމޮކްރެސީއަކީ ހުޅަނގުގެ އެއްޗެއްކަމަށް ހަދަން މީނާ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އިރާދަކުރެއްވިއްޔާ އަދި މި ބާޠިލް ދަޢުވާ އާ ދެކޮޅަށްވެސް ލިޔާނަމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ދިވެހި އަސްކަރީ ބާރުތަކަށް އަޅުގަނޑު ވަރަށް އާދޭހާ އެކު މި ގޮވާލަނީ މި ވައްހާބީންނާ މެދު ފާރަވެރިވެ ތިބުމަށެވެ. 'ދެކޮޅުން' ހައްދު ފަހަނަ އަޅަނީ އޭ ކިޔާ މިމީހުންނާ ދެކޮޅަށް ތެދުވާ ސެކިއުލާރ ވިސްނުމުގެ މީހުންނަށް ޖާސޫސް ކުރުމާ ފާރަލުމުގައި ރައްޔިތުންގެ މުދާ އިސްރާފްނުކޮށް ޤައުމުގެ ދިފާޢުގައި ހަރަކާތްތެރިވުމަށެވެ. ދިވެހިރާއްޖޭ ވެރިކަން ހަވާލުކޮށްފައިވާ އަޅުގަނޑުމެންގެ ޚާދިމް، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުއަށް މި ގޮވާލަނީ ބޭރުދުނިޔެއަށް ފިސާރި ލިބަރަލް، އެހާމެ ޑިމޮކްރެޓިކް މޫނެއް ދައްކަވަމުން ރާއްޖޭ ވައްހާބީންގެ މުށުތެރެއަށް އިންޗިއަކަށް ފަހު އިންޗިއެއް ދޫކުރަމުން މުނާފިޤުކަމުގެ އިންތިހާ އަޅުގަނޑުމެއްނަށް ދެއްކެވުން ހުއްޓާލުމަށެވެ. މި އަދާލަތު ޕާޓީ އަކީ ޑިމޮކްރެސީ އޭގެ އެތެރެއިން ހަލާކުކޮށް ފުނޑު ފުނޑުކޮށްލަން އުޅޭ ބައެކެވެ. ނިކަން ޝަހީމުގެ މޮޅުފޮތުގައި ލިޔެފައިވާ އެއްޗެއް ވިދާޅުވެ ބައްލަވާށެވެ. ސެކިއުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތާ "ލާދީނީ" އާ މިއީ އެކައްޗަކަށްހަދައިގެން، ޑިމޮކްރެސީ އަކީ އޭގެ ފުރިހަމަ މާނާގައި "ހަރާމް" އެއްޗެއް ކަމަށް ދައުވާކުރަމުން ޝަހީމު ލިޔަމުން ފަތުވާދެމުން ދާއިރު، ހަމަ ކަހަރު ވަކެކޭވެސް ހިތައްނާރާ ތިޔަ ހުންނަވަނީ ކިހިނެއްވެފައިތޯއެވެ؟ ޠާލިބާނުންގެ ވެރިކަން ރާއްޖޭގައި ފެށުނީމާ ތިބޭފުޅާ ޤައުމު ދޫކުރައްވާ ފުރާވަޑައިގެންނެވިއަސް އަޅުގަނޑުމެން ރައްޔިތުންނަށް އެގޮތް ނެތްކަން ހަނދުމަފުޅު ބަހައްޓަވައްޗެވެ. އެއްކޮޅުން ލިބަރަލް ފިކުރުގެ މީހުންވެސް ނުކުންނަންވީއޭ، މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވާންވީއޭ ކިޔުއްވަމުން، އަނެއްކޮޅުން އަދާލަތަށް ބާރުދީ، އެމީހުންގެ ބިރުދެއްކުމާ ހަނގާކުރުމަށް ބޯލަންބަވަމުން ވަޑައިގެންނެވުމުގެ ހިކްމަތް މޮޅަށް ދެނެވޮޑިގަންނަވާނީ މާތްރަސްކަލާނގެއެވެ. އަޅުގަނޑު މަނިކުފާނަށް މިގޮވާލަނީ ޚާއިނު ޝަހީމު ވަޒީރުކަމުން ވަކިކުރައްވާ މިކަން ގޯހުން ގޯހަށް ގޮސް، އަތްނުފޯރާ ހިސާބަށް ނުދަނީސް ފިޔަވަޅު އެޅުއްވުމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މިގޮވާލަނީ މީނާގެ މި ޢަމަލުކުށްވެރިކޮށް އޭނާގެ މައްޗަށް ދައުވާ އުފުލުމަށެވެ. މީގެ ކުރިން މިމީހުން ޢަމަލު ކޮށްފައިވާ ގޮތުން މިއީ މަނިކުފާނުގެ ސަރުކާރަކަށްވެސް، ދިވެހިރައްްޔިތުންނަށް އަދި ޤައުމުގެ މުސްތަޤްބަލަކަށްވެސް ބަލާބައެއް ނޫންކަން ސާބިތުވެއެވެ. އެމީހުން ބަލަނީ ހަމައެކަނި ވައްހާބީ ފިކުރު ރާއްޖޭގައި ފަތުރާ، އޭގެ ވެރިންގެ ބާރުގެ ދަށަށް ޤައުމު ގެންގޮސް އަޅުވެތިކުރެވޭތޯއެވެ.

މިފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރަން ލިބޭނެއެވެ. މިތަނަށް ރައިޓްކްލިކް ކުރައްވާ ފޮތް ޑައުންލޯޑްކުރައްވާ.އ

6 comments:

  1. Very well written article. I commend you for your effort in trying to bring this to the Maldivian citizen's attention.

    ReplyDelete
  2. great post! Thank you!

    ReplyDelete
  3. thiya fotheh beynumeh noon. kan'du fahthaa

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete