Thursday, July 22, 2010

އިސްމާލުގެ މަހާނަމައްޗަށް ގަބޭ ލަތީފު މަޑިއަށްޖެހުން




މިއަދުނޫހުގެ އެޑިޓަރ ޢަބްދުﷲ ލަތީފު (ގަބޭ ލަތީފު) އެ ނޫހުގެ 18 ޖުލައި 2010 ގެ އަދަދުގައި ލިޔެފައިވާ ލިޔުމެއް ކިޔާލާފައި ހޭންވީއެއްކަމެއް، ރޯންވީއެއްކަމެއް، ގަންނާންވީ ބިރުކަމެއްވެސް މަށަކަށް ނޭނގުނެވެ. މައުމޫނުގެ އަނިޔާގެ ރަހަ ދެކެފައިވާ މި ލަތީފަކީ މިހާރު ސިކުނޑީގެ މަައްސަލައެއް ހުންނަ މީހެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިއްޔާ އޭނާ ސުވާލުކުރުމުގެ ބަދަލުގައި ދޭނީ ޚިޔާލާއި ނަސޭހަތެވެ. އެނޫނިއްޔާ ކުރާނީ އަމުރެއް ނުވަތަ ނަހީއެކެވެ. ތިމާގެ އާޢިލާއަށް ދިމާވި ދަތި ކަމެއްގެ ސަބަބުންކަމެއް، ލިބިފައިވާ އަނިޔާގެ ސަބަބުންކަމެއް، ނޫނީ އުމުރުން ދުވަސްވެގެން ކަމެއް ނޭނގެއެވެ. މީނާގެ އުޅުން މިފަހަކަށް އައިސް ހުންނަނީ މިފަދަ ގޮތަކަށެވެ. މިއީ ވައްހާބީންނަށް ހަމްދަރުދީވާ މީހެއް ކަމުގައި އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ މިއީ އަނެއްކަހަލަ މީހެއްކަމަށެވެ. މޮޅަށް ދެނެވޮޑިގަންނަވާނީ މާތްރަސްކަލާނގެއެވެ.

ކޮންމެއަކަސް "އިސްމާއީލް ދަންޖެހުން - ފައްޅީގެ ބިންގާ ކޮނުން " މި ސުރުހީ ގެ ދަށުން މީނާ ލިޔެފައިވާ ލިޔުމުގައި ތާކުން ތާކު ޖެހޭ ހަމައެއްވެސް ވާހަކައެއް ނެތެވެ. އެއްމެ ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ އިންސާނެއްގެ މަރާ ގުޅިގެން އާޢިލާއާއި ރައްޓެހިން އެކަމަކާ ހިތާމަކުރަމުންދަނިކޮށް، އަދި އެ މަރު ގެ ޙަޤީޤަތް އެއްވެސް ތަޙުޤީޤަކުން ކަނޑައެޅި ހާމަކޮށްފައިނުވަނީސް؛ ހީއެއްގެ މައްޗަށް ބިނާކޮށް ދުވަހުނޫހެއްގެ އެޑިޓަރުގެ ގަލަމުން މިފަދަ ލިޔުމެއް ލިޔުމަކީ ރާއްޖެފަދަ ސޭކުސްތާނެއްގައި ނޫނީ ނުވާނެ ކަމެކޭއެވެ.

ލަތީފުގެ ތުހުމަތުގެ އިނގިލި ދިވެހި ފުލުހުންގެ އަދި އެއާރޕޯޓްގެ އިސްވެރިންނަށް ދިއްކުރަމުން ބުނެފައިވަނީ؛ " މިމަންޒަރު ފެނިގެން އޭނާ އެތަނުން ނަގައިދިނުން އެދި އިމަރޖެންސީ ނަމްބަރުތަކަށް ގުޅަމުންގެންދިއަ ފަރާތްތަކުގެ ފޯނުކޯލުތަކަށް އިޖާބަ ދިނީ އެކަށީގެންވާ ގިނައިރެއްގައި އޭނާ އެގޮތަށް ބަހައްޓައި އިޝްތިހާރުކުރުމަށްފަހުގައި" ކަމަށެވެ.

ދެވަނަކަމަކަށް ފާހަގަކޮށްލެވެނީ ގަބޭލަތީފުއަށް އޭތިސްޓަކާއި ކުރިސްޓިއަނެއްގެ ހުރި ފަރަޤު ނޭނގުންކަމެވެ. އޭތީސްޓަކީ ކަލަކު ވޮޑިގެންވާކަމަށް އީމާން ނުވާ މީހުންނެވެ. މިފަދަ މީހުންނަކީ މުސްލިމުންނެކޭ އެއްފަދައިން ކުރިސްޓިއަނުންގެ އަޤީދާއާވެސް ދެކޮޅު ބައެކެވެ. ވީއިރު އޭނާ މިތާ ކުރިސްޓިއަން ފައްޅީގެ ބިންގާ އެޅުމަށްޓަކައި ދަންޖެހުމުގެ ބޭނުމެއް ނުވިސްނެއެވެ. ލަތީފުގެ އަރަތަކަށްވެސް ނުފުދޭ ކޮންސްޕިރަސީ ތިއަރީ ކުރިއަށް ގެންދަމުން އިތުރަށް ލިޔެފައިވެއެވެ. "ސަލީބީ ދީނަށް އެނބުރިގެން މިއުޅޭ ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި މާލެއިން އިތުރުގެ ސަރަހައްދެއްގައި ބައްދަލުވުންތައް ބާއްވަމުންގެންދާ ޚަބަރުތައް ލިބެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެއިން ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި ހަނިމާދޫ އަށް އުދުހޭ ކަމަށާއި ދަންޖެހުނު އިސްމާއީލް އަކީވެސް ޤަވާއިދުން އުދުހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ." މިދައްކަން އުޅޭ ވާހަކައެއް ހަމަ ހިލާ މަށަކަށް ވިސްނޭ ގޮތެއް ނުވިއެވެ. މި އަރަތުގެ ޝަރަހަ ވަރަށް ފުންވެފައި ބޮޑުވާނެ ކަމަށް ގަބޫލުކުރެވެއެވެ. ސަބަބަކީ މީތި އޮތީ ގަބޭ ލަތީފުގެ ބަނޑުގައި ކަމަށްވުމެވެ. ގަބޭލަތީފުގެ ބަނޑު އެހެރީ ފެންނާށެވެ.

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އުޅޭކަމަށާ، މިއީ ކެންސަރެއްކަމަށާއި ފަންޏެއްކަމަށް އޭނާ ލިޔެފައިވެއެވެ. ލަތީފުގެ "އަރަތު-ބަނދި" ނިންމާލައްވާފައިވަނީ ވަރަށްވެސް ފުން މާނައައެއް ދޭހަވާ ބަސްކޮޅަކުންނެވެ. "ތުހުމަތުގެ އިނގިލި ދިއްކުރަން ތިއްބައި އެ ފަނި ބޮޑުވެ ކެންސަރަށް ބަދަލުވެ ނިމެނީއެވެ. އެއިރުން ދެން އޮންނާނެ ހަމައެކަނި ގޮތަކީ އެގުނަވަން ކަނޑައިލުންކަން އެއީ ދުނިތެއިން އަބަދުވެސް ފެންނަމުންދާ ތަޖުރިބާއެވެ." މިކަލޭގެފާނު ލިޔުއްވާފައިވެއެވެ. ބުނަން މިއުޅެނީ މުސްލިމުން ނޫން މީހުން، ނުވަތަ މިޒަމާނުގެ އަނެއްދިވެހިރާއްޖެ ބަހުން ބުނާނަމަ، ވައްހާބީ ނޫން ހުރިހާމީހުން މަރަންވީ އޭ ތޯއްޗެކެވެ. އެހެންކަމަށްވެއްޖެނަމަ މިއީ ފުލުހުން ބަލަންޖެހޭނެ މައްސަލައެކެވެ. މަރުގެ އިންޒާރެއް ދިނުމެވެ. އެހެންނޫނަސް މި ލިޔުމަކީ ޤައުމުގެ ތެރޭގައި ނުބައި ޝައްކާއި ވަހުމްތައް، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އަދި ފިތުނަ ފަސާދައާއި ބިރުވެރިކަން އުފައްދަން ލިޔެފައިވާ ލިޔުމެކެވެ.

އިސްމާޢީލުގެ މަރާމެދު އަހަރެން ދެކެނީ އެކަމުގެ ހަޤީޤަތް އަހަރެމެންނަށް ނޭނގޭ ކަމެވެ. މިކަން ހިނގާފައި ވެދާނެކަމަށް މަށަށް ފެންނަ ދެގޮތެއްވެއެވެ. މީގެ ތެރެއިން ފުރަތަމަ ގޮތަކީ ވައްހާބީންގެ ބަޔަކު އެސޮރު ދަންޖައްސާ މަރާލުމެވެ! ވައްހާބީންގެ ނުފޫޒު އެއާޕޯޓްސް ކޮމްޕެނީ ތެރޭގަދަކަން އެއީ އެއްމެންވެސް ދަންނަ ކަމެކެވެ. މިކެންސަރު އެތަނަށް އެއްމެބޮޑަށް ފެތުރުނީ އެތަނުގެ މިސްކިތު އިމާމަކަށް ޖަމިއްޔަތުއް ސަލަފުގެ ސޭހު އަބްދުއްސަލާމް ދިޔަ ދުވަހުން ފެށިގެންނެވެ. ޓަވަރުގައި ކުރިން މަސައްކަތް ކުރި ޝިޔާމު ނަމަކަށް ކިޔާ (އިސްމާޢީލާ އެއް އުމުރެއްގެ) ކުއްޖަކު ޕާކިސްތާނަށް ގޮސް އަމިއްލަޔަށް މަރުވި (ވައްހާބީ ބަހުންނަމަ ސަހީދުވީ) ވާހަކަ މިއީ މަދު ބަޔަކަށް ނޫނީ ނޭނގޭ ވާހަކައެކެވެ. އަދި މިނޫނަސް އަލްޤައިދާއާ ގުޅުން ހުރި އެތައް ބަޔަކު އެތަނުގެ ޓަވަރު، ސިވިލްވޯކްސް،އޮޕަރޭޝަންސް، ސެކިއުރިޓީ، ފިއުލްފާމް،އެޑްމިން ފަދަ އެތައް ދާއިރާއެއްގައި އެބަ އުޅެއެވެ. މިހިރަ މިހިރަ ކަންކަމަށް ބަލާއިރު އިސްމާއީލު މަރާލަން ފަސްނުޖެހޭނެ އެތައް ބަޔަކު އެއާރޕޯޓްސް ކޮމްޕެނީގައި ތިބިކަން އަހަރެމެންނަށް އެބަ އެނގެއެވެ. ވައްހާބީންގެ ވިސްނުން ހުރިގޮތް ނާޒިމް ދީން ގަބޫލުނުކުރާ ވާހަކަ ބުނި ދުވަހު ފެނިގެން ދިޔައެވެ. އޭނާ މަރަން ގޮވާ، އަނިޔާ ކުރަން ދުވެ، މަރަން ޖެހޭނެކަމަށް ނޫސްބަޔާން ނެރެވެސް ހެދީނޫންތޯއެވެ؟ ނަމަވެސް ތުހުމަތެއް ކުރުމުގެ ކުރިން ފުލުހުން މިކަން ތަޙްޤީޤް ކުރުން ވަރަށް މުހިއްމެވެ.

މިކަން ހިނގައިފާ ވެދާނެކަމަށް އަހަންނަށް ފެންނަ ދެވަނަ ގޮތަކީ އޭނާގެ އަމިއްލަ އާޢިލާއާއި ރަހުމަތްތެރިން އޭނާ އެކަހެރިކޮށް، މުޖްތަމަޢުއިން ބާކީކޮށްލާ، ވައްހާބީންގެ މީހުން އޭނާގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާވާ ޒާތުގެ އިންޒާރުތައްދީ، އޭނާއަށް ފާރަލާ އޭނާއަށް ނޮހޮރުއްޕާންކޮށް ދުނިޔޭގައި އުޅުން ވޭނަކަށް ވާވަރު ކުރީއެވެ. ސަލާމަތްވާނެ މަގެއް، އެނބުރޭނެ ދިމާއެއް ނޭނގި ހުއްޓާ ގާތް މީހުންގެ ވިހަ ބަސްތަށް އަހަން ހިތަށް ކެތްނުވީ ތޯއްޗެކެވެ.

އޭނާގެ ޢަމަލު ރަނގަޅު ކުރަނީކީ ނޫނެވެ. އެހެން ނަމަވެސް އެއީ ހަމަ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެކަމެކެވެ. އަމިއްލައަށް މަރުވާ މީހާ ދިޔައީ ނަރަކައަށޭ ކިޔާ އޭނާގެ އަބުރާ އިއްޒަތައް އަރައިގަނެ، މަހާނަމައްޗަށް މަޑިއަށް ޖެހިގަނެގެން އުޅުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. އެއީ ވައްހާބީންގެ ގޮތަށް ވެދާނެއެވެ. ސަބަބަކީ އޭނާ މަރުވި ވަގުތު ހުރީ ކޮން ދީނެއްގައިކަމެއް، ނުވަތަ އެވަގުތު އޭނާގެ ބުއްދި ސަލާމަތުން ހުރިކަމެއް ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާނގެއެވެ. އެއަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޢިލްމެއް ނޫނެވެ. ވީއިރު އޭނާގެ މައްޗަށް ހުކުމް ހިނގާނެ ތޯ ސުވާލު އުފެދެއެވެ. އޭނާ ހަމަ ބުއްދިން ބޭރުގައި ކުރާ ޢާމަލަކަށް މާތްރަސްކަލާނގެ ޖަޒާ ނުދެއްވާނެތެވެ. ވީއިރު އޭނާ ނެތް ދުނިޔޭގައި އޭނާގެ މައްޗަށް ފުރައްސާރަކުރަން އަހަރެމެން މީ ވަކި ކޮންބައެއްތޯއެވެ؟ އަދި މި ގަބޭ ލަތީފު މީ ކޮންތާކު މަރުމޯލައެއްތޯއެވެ؟



މިލިޔުންވަނީ ނޫހުގެ ޕްރިންޓް އެޑިޝަންގައިވެސް މުހިއްމު ލިޔުމެއްގޮތަށް ހައިލައިޓްކޮށްގެން ޖަހާފައެވެ