Thursday, July 22, 2010

އިސްމާލުގެ މަހާނަމައްޗަށް ގަބޭ ލަތީފު މަޑިއަށްޖެހުން




މިއަދުނޫހުގެ އެޑިޓަރ ޢަބްދުﷲ ލަތީފު (ގަބޭ ލަތީފު) އެ ނޫހުގެ 18 ޖުލައި 2010 ގެ އަދަދުގައި ލިޔެފައިވާ ލިޔުމެއް ކިޔާލާފައި ހޭންވީއެއްކަމެއް، ރޯންވީއެއްކަމެއް، ގަންނާންވީ ބިރުކަމެއްވެސް މަށަކަށް ނޭނގުނެވެ. މައުމޫނުގެ އަނިޔާގެ ރަހަ ދެކެފައިވާ މި ލަތީފަކީ މިހާރު ސިކުނޑީގެ މަައްސަލައެއް ހުންނަ މީހެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިއްޔާ އޭނާ ސުވާލުކުރުމުގެ ބަދަލުގައި ދޭނީ ޚިޔާލާއި ނަސޭހަތެވެ. އެނޫނިއްޔާ ކުރާނީ އަމުރެއް ނުވަތަ ނަހީއެކެވެ. ތިމާގެ އާޢިލާއަށް ދިމާވި ދަތި ކަމެއްގެ ސަބަބުންކަމެއް، ލިބިފައިވާ އަނިޔާގެ ސަބަބުންކަމެއް، ނޫނީ އުމުރުން ދުވަސްވެގެން ކަމެއް ނޭނގެއެވެ. މީނާގެ އުޅުން މިފަހަކަށް އައިސް ހުންނަނީ މިފަދަ ގޮތަކަށެވެ. މިއީ ވައްހާބީންނަށް ހަމްދަރުދީވާ މީހެއް ކަމުގައި އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ މިއީ އަނެއްކަހަލަ މީހެއްކަމަށެވެ. މޮޅަށް ދެނެވޮޑިގަންނަވާނީ މާތްރަސްކަލާނގެއެވެ.

ކޮންމެއަކަސް "އިސްމާއީލް ދަންޖެހުން - ފައްޅީގެ ބިންގާ ކޮނުން " މި ސުރުހީ ގެ ދަށުން މީނާ ލިޔެފައިވާ ލިޔުމުގައި ތާކުން ތާކު ޖެހޭ ހަމައެއްވެސް ވާހަކައެއް ނެތެވެ. އެއްމެ ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ އިންސާނެއްގެ މަރާ ގުޅިގެން އާޢިލާއާއި ރައްޓެހިން އެކަމަކާ ހިތާމަކުރަމުންދަނިކޮށް، އަދި އެ މަރު ގެ ޙަޤީޤަތް އެއްވެސް ތަޙުޤީޤަކުން ކަނޑައެޅި ހާމަކޮށްފައިނުވަނީސް؛ ހީއެއްގެ މައްޗަށް ބިނާކޮށް ދުވަހުނޫހެއްގެ އެޑިޓަރުގެ ގަލަމުން މިފަދަ ލިޔުމެއް ލިޔުމަކީ ރާއްޖެފަދަ ސޭކުސްތާނެއްގައި ނޫނީ ނުވާނެ ކަމެކޭއެވެ.

ލަތީފުގެ ތުހުމަތުގެ އިނގިލި ދިވެހި ފުލުހުންގެ އަދި އެއާރޕޯޓްގެ އިސްވެރިންނަށް ދިއްކުރަމުން ބުނެފައިވަނީ؛ " މިމަންޒަރު ފެނިގެން އޭނާ އެތަނުން ނަގައިދިނުން އެދި އިމަރޖެންސީ ނަމްބަރުތަކަށް ގުޅަމުންގެންދިއަ ފަރާތްތަކުގެ ފޯނުކޯލުތަކަށް އިޖާބަ ދިނީ އެކަށީގެންވާ ގިނައިރެއްގައި އޭނާ އެގޮތަށް ބަހައްޓައި އިޝްތިހާރުކުރުމަށްފަހުގައި" ކަމަށެވެ.

ދެވަނަކަމަކަށް ފާހަގަކޮށްލެވެނީ ގަބޭލަތީފުއަށް އޭތިސްޓަކާއި ކުރިސްޓިއަނެއްގެ ހުރި ފަރަޤު ނޭނގުންކަމެވެ. އޭތީސްޓަކީ ކަލަކު ވޮޑިގެންވާކަމަށް އީމާން ނުވާ މީހުންނެވެ. މިފަދަ މީހުންނަކީ މުސްލިމުންނެކޭ އެއްފަދައިން ކުރިސްޓިއަނުންގެ އަޤީދާއާވެސް ދެކޮޅު ބައެކެވެ. ވީއިރު އޭނާ މިތާ ކުރިސްޓިއަން ފައްޅީގެ ބިންގާ އެޅުމަށްޓަކައި ދަންޖެހުމުގެ ބޭނުމެއް ނުވިސްނެއެވެ. ލަތީފުގެ އަރަތަކަށްވެސް ނުފުދޭ ކޮންސްޕިރަސީ ތިއަރީ ކުރިއަށް ގެންދަމުން އިތުރަށް ލިޔެފައިވެއެވެ. "ސަލީބީ ދީނަށް އެނބުރިގެން މިއުޅޭ ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި މާލެއިން އިތުރުގެ ސަރަހައްދެއްގައި ބައްދަލުވުންތައް ބާއްވަމުންގެންދާ ޚަބަރުތައް ލިބެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެއިން ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި ހަނިމާދޫ އަށް އުދުހޭ ކަމަށާއި ދަންޖެހުނު އިސްމާއީލް އަކީވެސް ޤަވާއިދުން އުދުހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ." މިދައްކަން އުޅޭ ވާހަކައެއް ހަމަ ހިލާ މަށަކަށް ވިސްނޭ ގޮތެއް ނުވިއެވެ. މި އަރަތުގެ ޝަރަހަ ވަރަށް ފުންވެފައި ބޮޑުވާނެ ކަމަށް ގަބޫލުކުރެވެއެވެ. ސަބަބަކީ މީތި އޮތީ ގަބޭ ލަތީފުގެ ބަނޑުގައި ކަމަށްވުމެވެ. ގަބޭލަތީފުގެ ބަނޑު އެހެރީ ފެންނާށެވެ.

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އުޅޭކަމަށާ، މިއީ ކެންސަރެއްކަމަށާއި ފަންޏެއްކަމަށް އޭނާ ލިޔެފައިވެއެވެ. ލަތީފުގެ "އަރަތު-ބަނދި" ނިންމާލައްވާފައިވަނީ ވަރަށްވެސް ފުން މާނައައެއް ދޭހަވާ ބަސްކޮޅަކުންނެވެ. "ތުހުމަތުގެ އިނގިލި ދިއްކުރަން ތިއްބައި އެ ފަނި ބޮޑުވެ ކެންސަރަށް ބަދަލުވެ ނިމެނީއެވެ. އެއިރުން ދެން އޮންނާނެ ހަމައެކަނި ގޮތަކީ އެގުނަވަން ކަނޑައިލުންކަން އެއީ ދުނިތެއިން އަބަދުވެސް ފެންނަމުންދާ ތަޖުރިބާއެވެ." މިކަލޭގެފާނު ލިޔުއްވާފައިވެއެވެ. ބުނަން މިއުޅެނީ މުސްލިމުން ނޫން މީހުން، ނުވަތަ މިޒަމާނުގެ އަނެއްދިވެހިރާއްޖެ ބަހުން ބުނާނަމަ، ވައްހާބީ ނޫން ހުރިހާމީހުން މަރަންވީ އޭ ތޯއްޗެކެވެ. އެހެންކަމަށްވެއްޖެނަމަ މިއީ ފުލުހުން ބަލަންޖެހޭނެ މައްސަލައެކެވެ. މަރުގެ އިންޒާރެއް ދިނުމެވެ. އެހެންނޫނަސް މި ލިޔުމަކީ ޤައުމުގެ ތެރޭގައި ނުބައި ޝައްކާއި ވަހުމްތައް، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އަދި ފިތުނަ ފަސާދައާއި ބިރުވެރިކަން އުފައްދަން ލިޔެފައިވާ ލިޔުމެކެވެ.

އިސްމާޢީލުގެ މަރާމެދު އަހަރެން ދެކެނީ އެކަމުގެ ހަޤީޤަތް އަހަރެމެންނަށް ނޭނގޭ ކަމެވެ. މިކަން ހިނގާފައި ވެދާނެކަމަށް މަށަށް ފެންނަ ދެގޮތެއްވެއެވެ. މީގެ ތެރެއިން ފުރަތަމަ ގޮތަކީ ވައްހާބީންގެ ބަޔަކު އެސޮރު ދަންޖައްސާ މަރާލުމެވެ! ވައްހާބީންގެ ނުފޫޒު އެއާޕޯޓްސް ކޮމްޕެނީ ތެރޭގަދަކަން އެއީ އެއްމެންވެސް ދަންނަ ކަމެކެވެ. މިކެންސަރު އެތަނަށް އެއްމެބޮޑަށް ފެތުރުނީ އެތަނުގެ މިސްކިތު އިމާމަކަށް ޖަމިއްޔަތުއް ސަލަފުގެ ސޭހު އަބްދުއްސަލާމް ދިޔަ ދުވަހުން ފެށިގެންނެވެ. ޓަވަރުގައި ކުރިން މަސައްކަތް ކުރި ޝިޔާމު ނަމަކަށް ކިޔާ (އިސްމާޢީލާ އެއް އުމުރެއްގެ) ކުއްޖަކު ޕާކިސްތާނަށް ގޮސް އަމިއްލަޔަށް މަރުވި (ވައްހާބީ ބަހުންނަމަ ސަހީދުވީ) ވާހަކަ މިއީ މަދު ބަޔަކަށް ނޫނީ ނޭނގޭ ވާހަކައެކެވެ. އަދި މިނޫނަސް އަލްޤައިދާއާ ގުޅުން ހުރި އެތައް ބަޔަކު އެތަނުގެ ޓަވަރު، ސިވިލްވޯކްސް،އޮޕަރޭޝަންސް، ސެކިއުރިޓީ، ފިއުލްފާމް،އެޑްމިން ފަދަ އެތައް ދާއިރާއެއްގައި އެބަ އުޅެއެވެ. މިހިރަ މިހިރަ ކަންކަމަށް ބަލާއިރު އިސްމާއީލު މަރާލަން ފަސްނުޖެހޭނެ އެތައް ބަޔަކު އެއާރޕޯޓްސް ކޮމްޕެނީގައި ތިބިކަން އަހަރެމެންނަށް އެބަ އެނގެއެވެ. ވައްހާބީންގެ ވިސްނުން ހުރިގޮތް ނާޒިމް ދީން ގަބޫލުނުކުރާ ވާހަކަ ބުނި ދުވަހު ފެނިގެން ދިޔައެވެ. އޭނާ މަރަން ގޮވާ، އަނިޔާ ކުރަން ދުވެ، މަރަން ޖެހޭނެކަމަށް ނޫސްބަޔާން ނެރެވެސް ހެދީނޫންތޯއެވެ؟ ނަމަވެސް ތުހުމަތެއް ކުރުމުގެ ކުރިން ފުލުހުން މިކަން ތަޙްޤީޤް ކުރުން ވަރަށް މުހިއްމެވެ.

މިކަން ހިނގައިފާ ވެދާނެކަމަށް އަހަންނަށް ފެންނަ ދެވަނަ ގޮތަކީ އޭނާގެ އަމިއްލަ އާޢިލާއާއި ރަހުމަތްތެރިން އޭނާ އެކަހެރިކޮށް، މުޖްތަމަޢުއިން ބާކީކޮށްލާ، ވައްހާބީންގެ މީހުން އޭނާގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާވާ ޒާތުގެ އިންޒާރުތައްދީ، އޭނާއަށް ފާރަލާ އޭނާއަށް ނޮހޮރުއްޕާންކޮށް ދުނިޔޭގައި އުޅުން ވޭނަކަށް ވާވަރު ކުރީއެވެ. ސަލާމަތްވާނެ މަގެއް، އެނބުރޭނެ ދިމާއެއް ނޭނގި ހުއްޓާ ގާތް މީހުންގެ ވިހަ ބަސްތަށް އަހަން ހިތަށް ކެތްނުވީ ތޯއްޗެކެވެ.

އޭނާގެ ޢަމަލު ރަނގަޅު ކުރަނީކީ ނޫނެވެ. އެހެން ނަމަވެސް އެއީ ހަމަ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެކަމެކެވެ. އަމިއްލައަށް މަރުވާ މީހާ ދިޔައީ ނަރަކައަށޭ ކިޔާ އޭނާގެ އަބުރާ އިއްޒަތައް އަރައިގަނެ، މަހާނަމައްޗަށް މަޑިއަށް ޖެހިގަނެގެން އުޅުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. އެއީ ވައްހާބީންގެ ގޮތަށް ވެދާނެއެވެ. ސަބަބަކީ އޭނާ މަރުވި ވަގުތު ހުރީ ކޮން ދީނެއްގައިކަމެއް، ނުވަތަ އެވަގުތު އޭނާގެ ބުއްދި ސަލާމަތުން ހުރިކަމެއް ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާނގެއެވެ. އެއަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޢިލްމެއް ނޫނެވެ. ވީއިރު އޭނާގެ މައްޗަށް ހުކުމް ހިނގާނެ ތޯ ސުވާލު އުފެދެއެވެ. އޭނާ ހަމަ ބުއްދިން ބޭރުގައި ކުރާ ޢާމަލަކަށް މާތްރަސްކަލާނގެ ޖަޒާ ނުދެއްވާނެތެވެ. ވީއިރު އޭނާ ނެތް ދުނިޔޭގައި އޭނާގެ މައްޗަށް ފުރައްސާރަކުރަން އަހަރެމެން މީ ވަކި ކޮންބައެއްތޯއެވެ؟ އަދި މި ގަބޭ ލަތީފު މީ ކޮންތާކު މަރުމޯލައެއްތޯއެވެ؟



މިލިޔުންވަނީ ނޫހުގެ ޕްރިންޓް އެޑިޝަންގައިވެސް މުހިއްމު ލިޔުމެއްގޮތަށް ހައިލައިޓްކޮށްގެން ޖަހާފައެވެ

Tuesday, May 25, 2010

ޝަހީމަކީ ޚާއިނެއް



ތިމަންނާ އަކީ މާ މެދުމިނުގެ ފިކުރެއް ގެންގުޅޭ މީހެއްކަމަށް ދައުވާކުރައްވާ އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޝޭޚް މުޙައްމަދު ޝަޙީމް ޢަލީ ސައީދް އަކީ ޚާއިނެކެވެ. ތިމާއަކީ ވައްހާބީ ފިކުރުގެ މީހުންގެ ތެރެއިން އެއްމެ ހަރުކަށިކަން ކުޑަ މީހާކަމަށް ހެދިގެން، ތުނބުޅި ކޮށާ، ބެގީ ޖަހައިގެން އުޅުނަސް އޭނާއަކީ ވެސް ހަމަ ސައުދީ ޢަރަބިއްޔާއިން ކިޔަވައިގެން ހުރި ކައްޓަރު ވައްހާބީ އެކެވެ. ޤައުމަށް ޚިޔާނާތްތެރި ޚާއިނެކެވެ.

މިއަދު އޭނާ މިވަނީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ނަގާލުމަށް އެދޭކަން އަންގާ އިޢްލާން ކޮށްފައެވެ. އަޅުގަނޑާ ދިމާއަށް ކާފަރޭކޭ، މުރުތައްދޭ، ދިވެއްސެއްނޫނޭ، އަބުރާބެހެނީއޭ ގޮވުމުގެ ކުރިން އަދި ކިޔުއްވާ ލައްވާށެވެ. އަޅުގަނޑު ޝަޙީމްގެ ދީނީ އަޤީދާއާ ހުރިހާކަމެއްގައި އެއްބަސް ނުވިނަމަވެސް އޭނާއަށްވެސް އަޅުގަނޑުފަދަ ދިވެއްސަކަށް، މުސްލިމަކަށް އަދި އިންސާނަކަށްވީތީ އިޚްތިރާމްކުރަމެވެ. އަޅުގަނޑު މި ކުރާ ދަޢުވާގެ ޙަޤީގަތް ހޯދުމަށް ކިޔުއްވަމުން ގެންދަވާށެވެ.

ހުސްވި 2009 ވަނަ އަހަރު "ﷲ ގެ ޝަރީޢަތުގެ ޙުކުމްތައް ޤާއިމްކުރަމާ!" މިނަމުގައި ޝަހީމް ލިޔެ ޗާޕުކޮށްފައިވާ (ފޮޓޯއިން ފެނިވަޑައިގަންނަވާ) ފޮތުގައި އޭނާ ލިޔެފައިވެއެވެ: "އިސްލާމްދީން ބިންމަތީގައި ދެމިއޮތުމަށްޓަކައާއި އެދީނުގެ ޙުކުމްތައް ޤާއިމުކޮށް ތައުޙީދު ޙިމާޔަތްކުރާނޭ ދައުލަތެއް އޮތުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. އެއީ އެންމެހައި މުސްލިމުންގެ ބޮޑު ވެރިކަމެވެ. "ޚިލާފަތެވެ." ނުވަތަ "އަލްއިމާމަތުލްޢުޡްމާ" އެވެ. އިސްލާމީ ފިޤްހުގައި މިވެރިކަމަށް ޚާއްޞަ ޙުކުމްތަކެއް ވެއެވެ.
ޝައްކެއް ނެތްގޮތުގައި އިސްލާމްދީނުގެ އަހުލިވެރިން ރަމްޒުކޮށްދޭ، ﷲ ގެ ޝަރީޢަތް ޤާއިމުކުރާނޭ ޚިލާފަތެއް މުޅި އުންމަތުގައި އޮތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ނަމަވެސް މިއަދު މުސްލިމުންވަނީ އެކަމަށް ނުކުޅެދިފައެވެ. ދީންވަނީ ދައުލަތްތަކުން ވަކިވެފައެވެ. ދާޙިލީ މައްސަލަތަކުގެ ތެރެއަށް ޤައުމުތައްވަނީ ވެއްޓި ޢަރަޤުވެފައެވެ. ސިޔާސީ މަސްރަޙުން ދީން އެކަހެރިކޮށްލުމަށް ލާދީނީ މީހުންނާއި ދީނަށް ލޯބިނުކުރާ ވެރީން ދަނީ ގަދަ އަޅައި މަސައްކަތްކުރަމުންނެވެ.
އިސްލާމުންނަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ އެބައިމީހުންގެ ދީން ހިމާޔަތްކޮށް ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގައިދިން، އަދި، މުސްލިމުންގެ ހައިބަތާއި ޤަދަރު އުފުލާދިން ޚިލާފަތު ވެއްޓިގެން ދިޔަކަމެވެ.
އަޅުގަނޑުމެން މުސްލިމުންގެ ބޮޑުވެރިކަން ޚިލާފަތު ވަނީ ފޭރިގެންފައެވެ. އެއީ އަޅުގަނޑުމެންގެ މަޖުދެވެ. އެއީ އަޅުގަނޑުމެންގެ ޢިއްޒަތެވެ. މިއީ ދެމީހަކު ދެބަސްވާނޭ ކަމެއްނޫނެވެ."އ

މީނާ މިތަނުގައި މިވަނީ ދިވެހި ޤައުމުގެ އިސްތިޤްލާލާއި، މިނިވަންކަމާ އަމިއްލަވެރިކަމަކީ ބޮޑުބަދުނަސީބެއް،އަދި ބަލާ އާފާތެއްކަމަށް ހީވާ ފަދަ ގޮތަކަށް ވާހަކަދައްކާފައެވެ. ދިވެހިރާއްޖެ އަކީ އެއްވެސް އިރެއްގައި ތިޔަބުނާ ޚިލާފަތެއްގެ ބާރުގައި އަދި ތިޔަ ޚިލާފަތެއްގެ މަދަދުގައިވެސް އޮތް ތަނެއް ނޫނެވެ. ފަޚުރުވެރިކަމާއެކު ބުނެލެވެން އޮތީ މީގެ ދެހާސް އެތައް އަހަރެއްކުރިން ފެށިގެންވެސް މި ރަށްތަކުގައި މަދު ދުވަސްކޮޅަކަށްނޫނީ ކުރެވެމުންދަނީ ދިވެހިދަރީންގެ ދިވެހި ވެރި ކަމެކެވެ. ޢަރަބި ކަރާގައި ޚިލާފަތޭ އިސްލާމީ ވެރިކަމޭ ކިޔާ އެއްބަޔަކު އަނެއްބަޔަކު ކަރުމަރުހިފާ އުޅުން އިރުވެސް އަހަރެމެން ތިބީ މި ދިވެހި ދިދައިގެ ހިޔާވަހިކަމުގައި މިނިވަން ކަމުގެ ފޮނި މީރުކަން ލިބި ލިބިއެވެ. މިއީ ޝަހީމުއަށް ހިތާމައަކަށް ވިއަސް އަހަރެމެން ދިވެހިންނަށް ލިބޭ ފަޚްރެކެވެ.

ޝަހީމު ގެ ވާހަކަ ކުރިއަށް ގެންދަމުން މި ފޮތުގައި ލިޔެފައިވެއެވެ: "ނަތީޖާއަކީ، އިސްތިޢުމާރުގެ ނުބައި ވަކިތައް އުއްމަތައް ފެތުރިގެން ދިއުމެވެ. މުސްލިމުންގެ ބިންތައް ފޭރުމެވެ. ޚަޒާނާތައް ލޫޓުވުމެވެ. މުސްލިމުން ބައިބައިވުމެވެ. ޖޯގްރަފީ ގޮތުން މުސްލިމް އުއްމަތް ބައިބައިވެ ކޮންމެ ބަޔަކުވެސް ވަކި ދިދައެއް ނަގައި ބޯޑަރުލާން ފެށުމެވެ. ކުދި ކުދި ދައުލަތް ތަކަށް އިސްލާމުން ވިއްސިވިހާލިވެގެން ދިއުމެވެ.
މިއަދު މިވަނީ މުސްލިމުންގެ ބޮޑު ވެރިންކަން އަނބުރާ ގެނައުމަށްޓަކައި ބޮޑެތި ޤުރްބާނީތައް ވާންޖެހިފައެވެ. އެންމެހައި މުސްލިމުން ކިޔަމަންވާންޖެހޭ މުސްލިމުންގެ ބޮޑު ވެރިކަން ކުދި ކުދި ޤައުމުތަކުގައި ޤާއިމުކުރުމަކީ ފަހަރުގައި ދަތިކަމަކަށް ވެދާނެއެވެ. ނަމަވެސް ބޮޑުވެރިކަން ޤާއިމުކުރުމަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުން އިސްލާމީ ސަރުކާރުތަކެއް ޤާއިމު ކުރުމަކީ އިސްލާމީ ރައްޔިތުންގެ އަތްމަތީގައި އޮތްބާރެކެވެ. އެބައިމީހުން މިގޮތް ބޭނުން ނަމަ، މާތްﷲ އެބައިމީހުންނަށް ކާމިޔާބު ދެއްވާނޭ ކަމީ ހަމަ ޔަޤީންކަމެކެވެ". މ


މިހާހިސާބަށް އައި އިރު ޝަހީމް މިވަނީ މި ދިވެހި ފަސްގަނޑުގައި އެބުނާ "ބޮޑުވެރިކަން" ޤާއިމުކޮށް އެހެން ބައެއްގެ ބާރުގެ ދަށަށް ދިވެހި ރާއްޖެ ގެންދަން އެދޭ ވާހަކަ ދިމާލަށް ބުނެފައެވެ. އެކަމަށް މަގުފަހި ކުރާ ސަރުކާރޭ އެބުނަނީ "އިސްލާމިކް އެމިރޭޓް" ނުވަތަ އިލްމާމީ ޢިމާރާތެއްގެ ނަމުގައި ޤާޢިމް ކުރާ ޒާތުގެ ވެރިކަމެއްގެ ވާހަކައެވެ. އެންމެފަހުން މިފަދަ ޢިމާރާތެއް ޤާއިމްކޮށްފައިވަނީ އަފްޢާނިސްތާނުގައި ޠާލިބާން ހަނގުރާމަވެރިންނެވެ.

ޝަހީމު މިފޮތުގައި ލިޔެފައިމިވާ ވާހަކަތަކަކީ ޤާނޫން އަސާސީގެ ފުރަތަމަ ބާބު (ދައުލަތާއި، އަމިއްލަ ވެރިކަމާއި ރައްޔިތުން) ގައި ބަޔާންކޮށްފައިވާ އެއްމެހާ ކަންތައްތަކާ ޚިލާފަށް ދިވެހި އެތައް ބަޠަލުންނަކާއި ޝަހީދުންނެއްގެ ހިއްމަތުން ދިފާޢުކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އިސްތިޤްލާލާއި މިނިވަންކަން ނަގާލާ، ދިވެހިން މީގެ އެތައްހާސް އަހަރެއް ކުރިން ފެށިގެން ކުރަމުން އައިސްފައިވާ އަމިއްލަވެރިކަން ނަގާލާ، ބޭރުގެ ދަޢުލަތެއްގެ ބާރުގެ ދަށަށް ރާއްޖެ ގެންގޮސް، ދިވެހިންބިން ޢަރަބި ކަރައިގެ ހައްދުފަހަނަ އަޅާފައިވާ ބައެއްގެ މުށުތެރެއަށް ގެންދިއުމަށް ގޮވާލާ ހިތްވަރު ދިނުމެވެ.

މިއީ ޝަހީމު އާއި އަދާލަތު ޕާޓީ އަދި ވައްހާބީންގެ އެކި ބައިބަޔަށް އުޅެމުންދާ ގިނަބަޔަކު އެދޭގޮތެވެ. އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވަނީ މިކަން ކުރާނެ ގޮތަކާމެދުއެވެ. އަދާލަތުން ދެކެނީ މިއީ ސިޔާސީ މައިދާނުން ކުރިހޯދާ، އެމީހުންގެ ބާރުގެ ދަށަށް ޤައުމު ދިއުމުން "އިސްލާމީ އިމާރަތެއް" މިތަނުގައި ޤާއިމްކޮށް، ޑިމޮކްރެސީ ފުނޑު ފުނޑު ކޮށްލާ، ޝަހީމު ނުވަތަ އެޕާޓީގެ ވެރިޔަކު ޤައުމުގެ އަމީރަކަށް ހެދުމަށެވެ. ދެން މިފަދަ އެތައް އިމާރާތެއް އިސްލާމީ ޤައުމުތަކުގައި ޤާއިމް ވުމުން ކޮންމެވެސް އެކަކަށް ހުރިހާ އަމީރުން ބައިއަތު ހިފާ "އިސްލާމީ" ޚިލާފަތް ޤާއިމް ކުރާނީ އެވެ. ސަލަފާއި އިސްލާމިކް ފައުންޑޭޝަނުން އެކުރަނީ މީހުންގެ ސިކުނޑިތައް ދޮވެ ބަދަލު ކުރުމުގެ މަސައްކަތެވެ. އެމީހުން ހަނގުރާމައަށް ނުދިޔައަސް ހަނގުރާމަވެރި ބައެއް ޖަމާޢަތްތަކަށް ތާއީދު ކުރެއެވެ. ދެން ތިބީ ހިމެންދޫގައި ހައިޖާނު ހެދި ޑޮޓުކޮމް ހަނގުރާމަވެރި ގުރޫޕެވެ. އެމީހުން ދެކެނީ އިސްލާމީ ޚިލާފަތު ގެނެވޭނީ އަސްކަރީ ބާރާއި، ހަނގުރާމަވެރިކަމުންނެވެ. ދެން އުޅެނީ ދާދި ފަހުން ނަސޭހަތް ދިނުން މަނާކުރި ޝޭޚް ނަސްރުﷲ އުޅޭ ސުޕާރސަލަފް (އެސްއެސް) ގްރޫޕެވެ. މިމީހުންނަކީ ހަނގުރާމައާ ދެކޮޅު، ސަޢޫދީ ޢަރަބިއްޔާގެ ދަށުގައި ޚިލާފަތު ޤާއިމްކުރަން އެދިގެން ތިބި މީހުންނެވެ. މިމީހުން ނޫނަސް ވައްހާބީންގެ ގިނަބަޔަކު ޤަބޫލު ކުރާގޮތުގައި މުޅި އިސްލާމީ ދުނިޔޭގެ ވެރިކަން ކުރާ ޚަލީފާއެއް ގެ ގައިގާ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޤުރައިޝް ވަންހައަށް ނިސްބަތްވާ އަރަތްބަކަށް ވުން ހިމެނެއެވެ. އެއްބަޔަކު މިސަބަބާ ހުރެ އުސާމާ ބިން ލާދިން އަށް ވެރިކަން ދޭން ނުރުހެއެވެ. އަނެއްބަޔަކަށް ކަމުދަނީ ޕާކިސްތާނުގެ ކޮންމެސް މީހެކެވެ. ސުބްޙާނަﷲ އެވެ. މާތްރަސްކަލާނގެ މި ނުބައި މީހުންގެ ކިބައިން މި ދިވެހި ރާއްޖެ ސަލާމަތް ކުރައްވާށިއެވެ. މި މީީހުން އެދޭ ގޮތަށް ކަންކަން ގޮސްފިނަމަ މިޤައުމުގައި ވެރިކަން ކުރާނީ ކޮން ކަރައެއްގެ ބަދަވީއެއް، ކޮންފަދަ ހުދުމުޚްތާރުކަމަކާއެކީގައި ކަމެއްވެސް ނޭނގެއެވެ. ދީނުގެ ނަމުގައި ސިޔާސީ ބާރާ، ފައިސާ ހޯދާ އަދި އެވަރުން ނުވެގެން އަމިއްލަ ޤައުމާއި ބިން ބޭރުގެ ބަޔަކަށް ވިއްކާލަން ރާވައިފި މީހަކު އެވަނީ އިސްލާމްދީނަށް އަދި ދިވެހި ޤައުމަށްވެސް ޚިޔާނާތްތެރިވެފައެވެ.

އަދިވެސް ޝަޙީމް މިފޮތުގައި ލިޔެފައިވާ ގޮތުން ޚިލާފަތު ޤާއިމްކުރުމުގެ މަޤްޞަދު ޚާޞިލްކުރުމަށްޓަކައި ޕާޓީހެދުމާޢި ޑިމޮކްރެސީވެސް ހުއްދަވާނެއެވެ. އެނޫނިއްޔާ ހަރާމް އެވެ. އަދި ޑިމޮކްރެސީއަކީ ހުޅަނގުގެ އެއްޗެއްކަމަށް ހަދަން މީނާ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އިރާދަކުރެއްވިއްޔާ އަދި މި ބާޠިލް ދަޢުވާ އާ ދެކޮޅަށްވެސް ލިޔާނަމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ދިވެހި އަސްކަރީ ބާރުތަކަށް އަޅުގަނޑު ވަރަށް އާދޭހާ އެކު މި ގޮވާލަނީ މި ވައްހާބީންނާ މެދު ފާރަވެރިވެ ތިބުމަށެވެ. 'ދެކޮޅުން' ހައްދު ފަހަނަ އަޅަނީ އޭ ކިޔާ މިމީހުންނާ ދެކޮޅަށް ތެދުވާ ސެކިއުލާރ ވިސްނުމުގެ މީހުންނަށް ޖާސޫސް ކުރުމާ ފާރަލުމުގައި ރައްޔިތުންގެ މުދާ އިސްރާފްނުކޮށް ޤައުމުގެ ދިފާޢުގައި ހަރަކާތްތެރިވުމަށެވެ. ދިވެހިރާއްޖޭ ވެރިކަން ހަވާލުކޮށްފައިވާ އަޅުގަނޑުމެންގެ ޚާދިމް، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުއަށް މި ގޮވާލަނީ ބޭރުދުނިޔެއަށް ފިސާރި ލިބަރަލް، އެހާމެ ޑިމޮކްރެޓިކް މޫނެއް ދައްކަވަމުން ރާއްޖޭ ވައްހާބީންގެ މުށުތެރެއަށް އިންޗިއަކަށް ފަހު އިންޗިއެއް ދޫކުރަމުން މުނާފިޤުކަމުގެ އިންތިހާ އަޅުގަނޑުމެއްނަށް ދެއްކެވުން ހުއްޓާލުމަށެވެ. މި އަދާލަތު ޕާޓީ އަކީ ޑިމޮކްރެސީ އޭގެ އެތެރެއިން ހަލާކުކޮށް ފުނޑު ފުނޑުކޮށްލަން އުޅޭ ބައެކެވެ. ނިކަން ޝަހީމުގެ މޮޅުފޮތުގައި ލިޔެފައިވާ އެއްޗެއް ވިދާޅުވެ ބައްލަވާށެވެ. ސެކިއުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތާ "ލާދީނީ" އާ މިއީ އެކައްޗަކަށްހަދައިގެން، ޑިމޮކްރެސީ އަކީ އޭގެ ފުރިހަމަ މާނާގައި "ހަރާމް" އެއްޗެއް ކަމަށް ދައުވާކުރަމުން ޝަހީމު ލިޔަމުން ފަތުވާދެމުން ދާއިރު، ހަމަ ކަހަރު ވަކެކޭވެސް ހިތައްނާރާ ތިޔަ ހުންނަވަނީ ކިހިނެއްވެފައިތޯއެވެ؟ ޠާލިބާނުންގެ ވެރިކަން ރާއްޖޭގައި ފެށުނީމާ ތިބޭފުޅާ ޤައުމު ދޫކުރައްވާ ފުރާވަޑައިގެންނެވިއަސް އަޅުގަނޑުމެން ރައްޔިތުންނަށް އެގޮތް ނެތްކަން ހަނދުމަފުޅު ބަހައްޓަވައްޗެވެ. އެއްކޮޅުން ލިބަރަލް ފިކުރުގެ މީހުންވެސް ނުކުންނަންވީއޭ، މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވާންވީއޭ ކިޔުއްވަމުން، އަނެއްކޮޅުން އަދާލަތަށް ބާރުދީ، އެމީހުންގެ ބިރުދެއްކުމާ ހަނގާކުރުމަށް ބޯލަންބަވަމުން ވަޑައިގެންނެވުމުގެ ހިކްމަތް މޮޅަށް ދެނެވޮޑިގަންނަވާނީ މާތްރަސްކަލާނގެއެވެ. އަޅުގަނޑު މަނިކުފާނަށް މިގޮވާލަނީ ޚާއިނު ޝަހީމު ވަޒީރުކަމުން ވަކިކުރައްވާ މިކަން ގޯހުން ގޯހަށް ގޮސް، އަތްނުފޯރާ ހިސާބަށް ނުދަނީސް ފިޔަވަޅު އެޅުއްވުމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މިގޮވާލަނީ މީނާގެ މި ޢަމަލުކުށްވެރިކޮށް އޭނާގެ މައްޗަށް ދައުވާ އުފުލުމަށެވެ. މީގެ ކުރިން މިމީހުން ޢަމަލު ކޮށްފައިވާ ގޮތުން މިއީ މަނިކުފާނުގެ ސަރުކާރަކަށްވެސް، ދިވެހިރައްްޔިތުންނަށް އަދި ޤައުމުގެ މުސްތަޤްބަލަކަށްވެސް ބަލާބައެއް ނޫންކަން ސާބިތުވެއެވެ. އެމީހުން ބަލަނީ ހަމައެކަނި ވައްހާބީ ފިކުރު ރާއްޖޭގައި ފަތުރާ، އޭގެ ވެރިންގެ ބާރުގެ ދަށަށް ޤައުމު ގެންގޮސް އަޅުވެތިކުރެވޭތޯއެވެ.

މިފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރަން ލިބޭނެއެވެ. މިތަނަށް ރައިޓްކްލިކް ކުރައްވާ ފޮތް ޑައުންލޯޑްކުރައްވާ.އ

Thursday, April 8, 2010

ޒާކިރު ނައިކު ރާއްޖެ އަންނަނީ



މިހާރު އެއްމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ އިންޑިޔާއިން ޒާކިރު ކިޔާ މީހަކު ދީނީ ނަސޭހަތް ދޭން ގެންނަ ވާހަކައެވެ. މިއީ އަދި ރާއްޖެއަށް މުޅިން އާމީހެއް ނޫނެވެ. ހާބަރު ކަޑައަކަށް ސައިބޯލަން ދިޔަސް، ގެއަށް ވަނަސް، ޕީސްޓީވީ އޭ ކިޔާ ޗެނެލަކުން މީނާގެ 'މޮޅުވާހަކަ' ދައްކާތީ ފެނެއެވެ. ކޮންމެއަކަށް މިކަމަކާ މިއުޅޭ 'ދީނީ' މީހުންގެ ތެރޭ މިއަރުވަނީކީ އާދައިގެ ފޯރިއެއް ނޫނެވެ. ހަވީރު ނޫހުގައި ބުނެފައިވާ ގޮތުން މިއީ މާމޮޅު ދީނީ ޢިލްމުވެރިއެކެވެ. މީހަކު އަޖައިބުވެ އަންތަރީވެސް ވެދާނެއެވެ. ދީނީ ޢިލްމުވެރިއަކަށް ވަނީ "ދީނީ" (ތުނބުޅިލާފައި ބޮލުގައި އެއްޗެއްއަޅާ) މީހަކު ކޮމެވެސް ކަހަލަ ޢިލްމެއް ހޯދީމަހެއްޔެވެ؟ މިހެން މިބުނީ، މި ޒާކިރަކީ އިސްލާމީ އެއްވެސް މަދަރުސާއަކުން ނުވަތަ ޔުނިވާރސިޓީއަކުން، އަދި އެދުރުގެއަކުންވިޔަސް އެއްވެސް ކަހަލަ ރަސްމީ ދީނީ ތަޢުލީމެއް ހޯދާ، އެއްވެސް ދީނީ ފާހެއް ލިބިގެން ހުރި މީހެއް ނޫންވީމައެވެ.

އެކަމު ހަމަ މިމީހާ ރާއްޖެގެނެސްގެން ދިވެހިންނަށް ދީން އުނގަންނައިދޭން މިއުޅެނީ އިސްލާމިކް މިނިސްޓްރީންނެވެ. ދިވެހިރާއްޖޭގެ ފަސްގަނޑުގައި ދިވެހިރާއްޖެއަށް އުފަން ދިވެހިންނަށް އެމީހުންގެ އަޤީދާއާއި ދީނާ ބެހޭގޮތުން ވާހަކަ ދައްކާ އުޅުން އޮންނަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނެއްގެ ދަށުން މުޅިން މަނާވެފައެވެ. މިހާރު މީގެ ދަށުން ހެދުމަށް (ޖަމިއްޔަތުއްސަލަފުގެ ލަފަޔާއި އިރުޝާދުގެދަށުން) ނިންމާފައިވާ ގަވާއިދުގެ ޑްރާފްޓް ގައިވެސް ދީނީ ޢިލްމު އުނގެނިގެން ތިބޭމީހުން ދީނީ ނަސޭހަތް ދިނުމަށް ބުނެފައިވެއެވެ. އަދި ހަމަ އެހެން އިސްލާމިކް މިނިސްޓްރީން ދީނީ ތަގްރީރު ކުރުމުގެ ހުއްދަދޭ އުސޫލުތަކުގެ ތެރޭގައިވެސް މިކަން ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. ކަން މިހެން އޮތް އިރު، ޑރ.ޒާކިރު ނައިކު އަށް ދީނީ ތަގްރީރު ދިނުމުގެ ހުއްދަ ދިނީ ދިވެހި ރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުތަކާއި ޤަވާއިދު ތަކާ ޚިލާފަށް ކަމަށް އަންނަށް ފާހަގަ ކުރެވެއެވެ. ޒާކިރު ނައިކް އަކީ ދީނީ ޢިލްމުވެރިއްވެއްޖެޔާ މަވެސް މީ ދީނީ ޢިލްމުވެރިއެކެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ޢަރަބިބަސް ދަންނަމެވެ. ތުނބުޅިވެސް ކުރެއް ނުވާނެއެވެ. އަދި ދީނުގެ ހުކުމްތަކާއި އިސްލާމީ ތާރީހާއި، އަގީދާ އާ ގުޅުން ހުރި ޢިލްމުވެސް އަހަރެންނަށް ވީވަރަކުން އުނގެނެމެވެ.

ޒާކިރު އަށް ހުއްދަދީފައި ހުއްޓާލީކީ ނޫނެވެ، އޭނާގެ އަންހެނުން (ފަރުހަތި ނައިކު) އާއި، ފުރާވަރުގެ ފިރިހެން ދަރިފުޅު (ފާރިގު ނައިކު) ވެސް "ތަގްރީރު ކުރައްވާ" ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ހަވީރު ނޫހުން ބުނެފައިވެެއެވެ. މިޖެހުނީ ކޮންތާކު ހެއްޔެވެ؟ ރައީސް ނަޝީދު އައްޔަން ކުރާ އިސްލާމީ މިނިސްޓަރުގެ ހަރު މުދާގަނޑަކަށް ދިވެހި ރައްޔިތުންގެ ދީނީ ޢަޤީދާވަނީ ޤާނޫން އަސާސީގެ ކޮންމާއްދާއެއްގެ ދަށުން، ނުވަތަ ހެދިފައިވާ ކޮން ޤާނޫނެއް ޤަވާއިދެއްގެ ދަށުންތޯއެވެ؟ ރައީސް ނަޝީދު ދާދިފަހުން ހެނދުނު ހުތުބާގައި ބުނެފައިވަނީ މިނިވަން ޚިޔާލުގެ މީހުންވެސް ދީނީ މީހުންނާ ވާދަކޮށް އެމީހުންގެ ޚިޔާލާ ދެކޮޅަށް ޚިޔާލު ފާޅުކުރާށޭއެވެ. އަޅޭ އަހަރެމެން އިންޑިޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ގެންނަންބޭނުންވެއްޖެ ނަމަ ސަރުކާރުން ބަޖެޓު ދެއްވާނަން ތޯއެވެ؟ ދީނީ ގޮތުން މެދުމިނުގެ އުސޫލުތައް ގެންގުޅޭ، ދިވެހިން ޒަމާނުއްސުރެ އުޅެމުން އައި 'އިސްލާމްދީން' ގައި ހިފަހައްޓައިގެން ތިބި މީހުންނަށް ބޮޑު މިނިސްޓްރީއެއް ހަދާ، ދައުލަތުގެ އެއްމެ ހަރަދު ބޮޑު ވުޒާރާއަށް ހަދާލަދީފާނަންތޯއެވެ؟

ޒާކިރު އަކީ މެޑިކަލް ދާއިރާއިން ތަޢުލީމް ހާސިލްކޮށް އެމްބީބީއެސް ހޯދާފައިވާ މީހެކެވެ. އެކަމަކު މީނާ ކާންބޯން ކޮށް އުޅޭ މަސައްކަތަކީ އިސްލާމްދީނުގެ ވާހަކަ ދެއްކުމެވެ. ޚާއްސަގޮތެއްގައި އިސްލާމްދީނާއި އެހެންދީންތައް އަޅާކިޔާ، އިސްލާމްދީނާއި ސައެންސާމެދު ވާހަކަދެއްކުމެވެ. މީނާ ގެ ވާހަކަތަކުން މީހުން އާޝޯހު ކޮއްލާ ގޮތަކީ ހިތުދަސްކޮށްފައި ހުންނަ ހަދީސް އާއި އާޔަތް އަދި އެހެންދީންތަކުގެ ފޮތްތަކުގެ ތަންކޮޅުކޮޅު ވަގުތުން ކިޔާލުމެވެ. އަދި ލޮޖިކާއި ސައެންސް ގެ ނިވަލުގައި ހުރެ ލޮޖިކާއި ސައެންސަށް ހަޖޫޖެހުމަކީ މީނާ ގެ "ދަރުސް" ތަކުން އާއްމުކޮށް ފެންނަ ކަންތައްތަކެވެ. ޤުރުޢާނަކީ ސައެންސް ފޮތެކޭ ހީވާ ދަރަޖައަށް މީނާ ޤުރުޢާނުގެ އާޔަތްތައް އެގޮތް މިގޮތަށް މާނަކޮށްގެން އުޅެއެވެ. ނަމަވެސް ހަގީގަތަކީ މުސްލިމުން ސައެންސްގެ އެއްމެ ކުރީ ސަފުގައި ތިބި ޒަމާނުގައިވެސް ދީނުގެ ޢިލްމާއި ސައެންސަކީ މަސްހުނިކޮށްފައިވާ ދެއެއްޗެއްނޫނެވެ. މިއީ އޮރިއެންޓަލިސްޓުންނާއި ހުޅަނގުގެ މުފައްކިރުން ފަށާފައިވާ އިސްލާމްދީނާ ބީރައްޓެހި ކަމެކެވެ. މީގެ ދެން ހުރިމީހާ އަކީ ތުރުކީ ވިލާތުގެ އަދުނާނު އޮކްތަރު ނުވަތަ ހާރޫނު ޔަހުޔާއެވެ. ދެމީހުންނަކީވެސް ފައްކާ ދެ ރޯނުއެދުރުންނެވެ. އެނގޭއެއްޗެއްވެސް ނޯވެއެވެ.ނޭނގޭ އެއްޗެއްވެސް ނޯވެއެވެ.

އެކި ދީންތަކުގެ މީހުންގެ މެދުގައި ނަފްރަތު އުފައްދާ، އިސްލާމްދީނުގެ އެކި ފިކުރުތަކުގެ މީހުންގެ ނުރުހުން ލިބިގެން ވާ މީހެއްކަމުގައި ޒާކިރުވެއެވެ. މިގޮތުން މީނާގެ ދަރުސް ތަކަށް ބަރޯސާ ނުވުމަށް އިންޑިޔާގެ ދާރުލް ޢުލޫމް ދިއޯބަންދް އިސްލާމީ މަދަރުސާއިން ފަތުވާނެރެފައިވާ އިރު ދަ ޝަރީޢާ ބޯރޑް އޮފް އެމެރިކާ އިން އަދި ޕާކިސްތާނުގެ އިފްތާ ބިއްނޫރިއާ އިންވެސް ވަނީ އެއީ ޢިލްމެއްނެތި ދީނުގެ ވާހަކަދައްކާ މީހެއްކަމަށާއި، އެކަން ހުއްޓުމަށް ގޮވާލާ ފަތުވާނެރެފައެވެ. އަދި 2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިޔާގެ ލަކްނޯ ގެ ހިސާބެއްގައި އޭނާގެ ދަރުސް އެއް ދީނީ ޢިލްމުވެރިންގެ އެދުމުގެ މަތިން ސަރުކާރުންވެސް މަނާކޮށްފައިވެއެވެ. އެސަރަހައްދުގެ ޢިލްމުވެރިންގެ ތެރެއިން ބައެއްމީހުން އޭނާ އަކީ ކާފަރެއްކަމުގެ ފަތުވާވެސް ނެރެފައިވެއެވެ. އަދި އޭނާއަކީ އުސާމާބިން ލާދިންއަށް ތާއީދުކުރާ މީހެކެވެ. ޝީޢީ، ސުންނީ އަދި ސޫފީ އެތައްޖަމާޢާތަކުން މީނާއާ ދެކޮޅަށް ވާހަކަދައްކާފައިވެއެވެ..

ދީނީ ޢިލްމުވެރިއަކަށްނުވާ މީހަކު ގެނެސްގެން ރާއްޖޭގައި ދީނީ ނަސޭހަތްދޭން މިއުޅެނީ، ދިވެހިންގެ ބުއްދީގައި ދީންފަހުމުވެ އެދީނަށް އަމިއްލަޔަށް އުޅުމުގެ ގާބިލްކަން ނެތީމާތޯއެވެ؟ ހަރަދު ކުޑަކުރަން އުޅޭއިރު މީނާގެނައުމުގެ ކަންތައްތަކަށް ދިވެހި ދައުލަތުގެ މާލިއްޔާއިން ކިޔާ ފައިސާއެއް ހަރަދު ކުރާނެތޯއެވެ؟ އިންޑިޔާގައި ދީން އުނގެނިގެން ތިބި ދީނީ އެތައްބައިވަރު ޢިލްމުވެރިންނެއް އެބަތިއްބެވެ. އެހެންނަމަވެސް އަދާލަތު ޕާޓީ ގެ އިސްލާމިކް މިނިސްޓްރީން މި މީހަކު ރާއްޖެ ގެންނަން މިވަރަކުން މިއުޅެނީ އޭނާ އަކީ އެމީހުންނާ އެއް އަޤީދާއެއްގެ، ނުވަތަ އެޔާ ގާތްކުރާ ވިސްނުމެއްގެ މީހެއްވީމައެވެ. އިންޑިޔާގެ ގިނަ އިސްލާމީ ޢިލްމުވެރިންނަކީ މިކަހަލަ ހަރުކަށި ފިކުރުތަކާ ދެކޮޅުބައެކެވެ. މިރާއްޖޭގައިވެސް މިވީހާދުވަހު އޮތީ އެފަދަ އިސްލާމީ އުސޫލުތަކެކެވެ.